ރާއްޖޭގެ ބާޒާރުން ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، އާންމުންގެ ޝަކުވާތައް އިތުރުވެފައިވާ މައްސަލައިގައި ކަމާބެހޭ ސަރުކާރުގެ ކުންފުނިތަކާއި އެންސްޕާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ ނުވަތަ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ. މި ބައްދަލުވުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ.

Advertisement

މި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވުމަށް އަންގާފައިވަނީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އިތުރުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑަށެވެ.

އެސްއޯއީ ކޮމިޓީގެ މެންބަރަކު ވިދާޅުވީ މި ކުންފުނިތަކާއި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކުރަނީ ބޭސް ލިބުމުގައި މިހާރު ކުރިމަތިވަމުންދާ ދަތިތަކުގެ އަސްލު ސަބަބުތައް ދެނެގަތުމަށާއި، އެކަން ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް އޮޅުންފިލުވުމަށް ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އާންމުކޮށް ބޭނުންކުރާ ބައެއް ބާވަތްތަކުގެ ބޭސް ހުސްވަމުންދާ ކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭނުންކުރާ ބޭހާއި، ކުޑަކުދިންނަށް ދޭ ބައެއް ބޭސްތައް ބާޒާރުން ލިބުމުގައި ބޮޑެތި ދަތިތަކެއް ހުރިކަން އާންމުން ފާހަގަކުރެއެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގައި ގެނެވުނު ބައެއް ބަދަލުތަކާ ގުޅިގެންވެސް އާންމުންގެ ކަންބޮޑުވުންތައް ވެސް ވަނީ އިތުރުވެފައެވެ.

އެންމެ އާދައިގެ ބައެއް ބޭސްތައް ނުލިބޭއިރު، ހާއްސަ ބައެއް ބަލިތަކަށް ދާއިމީ ގޮތެއްގައި ބޭނުންކުރާ ބައެއް ބޭސްތައް ވެސް ނުލިބެ އެވެ.

އެސްޓީއޯއިން ބޭސް އެތެރެކުރަމުން ދާއިރާ، ބޭހުގެ ދަތިކަން ހައްލުކުރުމަށް ކަމަށް ބުނެ ރައީސް މުހައްމަދު މުއިއްޒު،  ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ނަމުގައި ވަކި ކުންފުންޏެއް އުފެއްދި ނަމަވެސް ބޭހުގެ މައްސަލައަކަށް ހައްލެއް ނާދެ އެވެ.