މިއީ "ރައުޔު" ނޫހުގައި ޝާއިޢުކުރާ އެންމެހައި އެޑިޓޯރިއަލް ކޮންޓެންޓް އުފެއްދުމުގައި ނޫސްވެރިން އަމަލުކުރާނެ ކޯޑް އޮފް އެތިކްސް އެވެ. ޚަބަރާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގަޔާއި ފެތުރުމުގައި "ރައުޔު" ގެ ނޫސްވެރިން މަސައްކަތް ކުރާނީ އިސްލާމް ދީނުގެ އަސްލުތަކާއި، ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

"ރައުޔު" ނޫސް ކުރިއަރުވައި، ޕްރޮފެޝަނަލް ނޫސްވެރިކަން އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި "ރައުޔު"ގެ ނޫސްވެރިން ތިރީގައިވާ މައިގަނޑު ތިން އަމާޒަށް އަބަދު ވެސް މަސައްކަތް ކުރާނެއެވެ.

  • ހަގީގަތް ހާމަކުރުން

  • އިންސާފުވެރިވުން

  • ނުފޫޒެއްގެ ދަށުގައި ނުވުން

މި އަމާޒުތައް ހާސިލުކުރުމުގައި "ރައުޔު"ގެ ނޫސްވެރިން އަމަލުކުރާނެ ސުލޫކީ މިންގަނޑުތަކަކީ؛

  1. ޚަބަރާއި މައުލޫމާތު ހާމަކުރުމުގައި އަބަދުވެސް އިސްކަން ދޭނީ ވީ އެންމެ ފުރިހަމައަށް ހަގީގަތް ހާމަކުރުމަށެވެ. ޝައްކު އުފެދޭ ނުވަތަ ޔަގީންކަމެއް ނެތް މައުލޫމާތެއް ނުހިމަނާނެ އެވެ. ވަކި ފަރާތަކަށް ބުރަވުމެއް ނެތި، އެ ޚަބަރަކާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މައުލޫމާތު ގެނެސްދޭނެ އެވެ.

  2. "ރައުޔު"ގެ ނޫސްވެރިއަކު ސިޔާސީ ހަރަކާތެއްގައި ނުވަތަ ސިޔާސީ ޕާޓީއަކުން ހިންގާ ހަރަކާތެއްގައި ބައިވެރިއެއް ނުވާނެއެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް ނުވަތަ ސިޔާސީ ވަކި ފިކުރަކާ ދެކޮޅަށް މަސައްކަތެއް ނުކުރާނެ އެވެ. ނޫސްވެރިއެއްގެ ހައިސިއްޔަތުން ސިޔާސީ ހަރަކާތެއްގެ ޚަބަރާއި ރިޕޯޓް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މީގެ ތެރެއަކު ނުހިމެނެ އެވެ.

  3. އެ ލިޔުމެއްގެ ބާވަތުން، މައުލޫމާތު ދޭ ފަރާތުގެ ނަން ކޮންމެހެން ސިއްރު ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ، "ރައުޔު" ގައި ޝާއިއުކުރާ ލިޔުންތަކުގައި މައުލޫމާތު ދޭ ފަރާތުގެ ނަން ހިމަނާނެ އެވެ.

  4. ޝާއިއުކުރާ ލިޔުންތަކުގައި މީހުންގެ ޒާތީ މައުލޫމާތާއި ވާހަކަތައް އާއްމު ކުރާނެ މިންވަރު ނޫސްވެރިޔާ ކަނޑައަޅާނީ، މުޖުތަމަޢު އެކަމެއް އެނގެން ބޭނުންވާނެ މިންވަރަށް ބަލައިފަ އެވެ.

  5. ޝާއިއުކުރާ ޚަބަރަކަށް ނުވަތަ ރިޕޯޓަކަށް މައުލޫމާތު ހޯދާއިރު، ތިމާއަކީ ކާކުކަން ނޫސްވެރިޔާ ބުނެދޭނެ އެވެ. މުޖުތަމައުގެ މަސްލަހަތަށްޓަކައި މެނުވީ، ކާކުކަން ނޭނގޭ ގޮތަށް ނޫސްވެރިޔާ މައުލޫމާތެއް ނުހޯދާނެ އެވެ.

  6. ނޫސްވެރިޔާ އިންޓަވިއު ރެކޯޑް ކުރާނީ އިންޓަވިއު ދޭ މީހާގެ ރުހުމާ އެކުގަ އެވެ. އިންޓަވިއު ދޭ މީހާއަށް ނޭނގި އިންޓަވިއު ރެކޯޑް ކުރާނީ، އިންޓަވިއު ދޭ މީހާގެ ފަރާތުން ހޯދަންޖެހޭ މައުލޫމާތަކީ މުޖުތަމައުގެ މަސްލަހަތަށްޓަކައި ކޮންމެހެން ހޯދަންޖެހޭ މައުލޫމާތަކަށްވެފައި، އޭނާގެ ފަރާތުން އެ މައުލޫމާތު ހޯދެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމަށްވާނަމަ އެވެ.

  7. ލިޔުންތަކުގެ ބަހުރުވަ ހުންނާނީ ރީތިކޮށް އަދި ސާދާކޮށް، ކިއުންތެރިންނަށް އޮޅުން ނާރާ ގޮތަށެވެ.

  8. "ރައުޔު" ގައި އެއްޗެއް ޝާއިއުކުރުވުމަށް ނުވަތަ ޝާއިއުނުކުރުވުމަށް ނުވަތަ ޝާއިއުކޮށްފައިވާ އެއްޗަކަށް ބަދަލެއް ގެނައުމަށް، އެއްވެސް މީހަކު ދޭ ރިޝްވަތެއް "ރައުޔު"ގެ ނޫސްވެރިޔާ ނުހިފާނެ އެވެ. އަދި ނޫސްވެރިކަމުގެ މަސައްކަތުގައި އޭނާއަށް ލިބިފައިވާ އިޚްތިޔާރު އަމިއްލަ މަސްލަހަތަށްޓަކައި ނާޖާއިޒު ގޮތެއްގައި ބޭނުމެއް ނުކުރާނެ އެވެ.

  9. ކުޑަކުދިން ކުރާ ނޭދެވޭ އަމަލުތަކުގެ ވާހަކަތައް އާންމުކުރާއިރު އެއީ ކޮން ކުއްޖެއްކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް ނުހިމަނާނެ އެވެ. އަދި ކުޑަކުދިންނަށް ލިބޭ ތަފާތު އަނިޔާތަކާއި ގޯނާތަކުގެ ވާހަކަތައް އާންމުކުރާއިރު، އެކުދިންގެ އިންސާނީ ކަރާމާތާއި އަބުރަށް އުނިކަމެއް އަންނާނޭ ފަދަ ގޮތަކަށް އެކުދިންގެ ވަނަވަރު ހާމައެއް ނުކުރާނެ އެވެ.

  10. އަނިޔާވެރިކަމާއި ޖިންސީ އަދި ބަދުއަޚުލާގީ އަމަލުތަކަށް ހިތްވަރު ލިބޭ އަދި މަގުފަހިކޮށްދޭ ލިޔުމެއް، ކުރެހުމެއް، އެނިމޭޝަނެއް، ވީޑިއޯއެއް، އޯޑިއޯއެއް ނުވަތަ ފޮޓޯއެއް ވިޔަސް ޝާއިއެއް ނުކުރާނެއެވެ.

  11. ޝާއިއުކުރި އެއްޗެއްގައި މައުލޫމާތުގެ ކުށެއް ހިމެނޭކަން އެނގިއްޖެނަމަ، ވީހާވެސް އަވަހަކަށް އެ ކުށެއް އިސްލާހު ކުރާނެ އެވެ.

  12. އެހެން މީހުންގެ ލިޔުންތަކާއި މައުލޫމާތު އަދި އެހެން މީހަކު ނަގާފައިވާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް "ރައުޔު"ގައި ޝާއިއުކުރާ ނަމަ، އޭނާގެ ފިކުރީ ހައްގު ރައްކާތެރިކުރުމުގެ ގޮތުން އެ ފަރާތްތަކަށް ހަވާލާ ދޭނެ އެވެ.

  13. ލިޔުންތަކުގައި ބޭނުން ކުރާނީ، ވީވަރަކުން އެކަމަކާ ގުޅުން ހުރި ފޮޓޯ އާއި ވީޑިއޯ އެވެ. އަދި ފޮޓޯ އާއި ވީޑިއޯގެ ތައާރަފް ހިމަނާނީ އެ ފޮޓޯއިން ނުވަތަ އެ ވީޑިއޯއިން ފެންނަ ބަޔެއްގެ އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަށް އަދި ނުހައްގު ބަދުނާމެއް ނުލިބޭ ގޮތަށެވެ.

  14. "ރައުޔު"ގެ ނޫސްވެރިން، އެހެން ނޫސްތަކާއި މީޑިއާތަކާއި ނޫސްވެރިކަމުގެ އެހެނިހެން ޕްލެޓްފޯމްތަކުން އާންމުކުރާ ޚަބަރާއި މައުލޫމާތާއި އެހެނިހެން ކޮންޓެންޓްތައް، އެއްވެސް ވަސީލަތެއް މެދުވެރިކޮށް ޕްރޮމޯޓް ކުރުމުން ދުރުހެލިވާނެ އެވެ.