އެޕްރީލް 27، 2026، މާލެ؛ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމިޓީގެ ތިން ވަނަ ދައުރު (2026-2028) އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި، ބައެއް ފުލުހުން ބައިވެރިވަނީ. — POLICE
ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަޅުއްވަން ފައްޓަވާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ރައީސް މުއިއްޒުގެ މި ނިންމެވުން ތަންފީޒު ކުރުމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގެވީ، އިއްޔެ އެ އިދާރާއަށް ފޮނުއްވި ސިޓީއެއްގަ އެވެ.
ފިނޭންސް މިނިސްޓްރީން މީޑިއާއާ ހިއްސާކުރި ލިޔުމެއްގައި ބުނެފައިވާ ގޮތުން؛ މި ފިޔަވަޅުތަކަކީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށާއި ފައިސާ ހަރަދު ކުރުމުގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅުމަށާއި މާލީ މެނޭޖްމަންޓް ރަނގަޅު ކުރުމަށް ޕީސީބީން މީގެ ކުރިން ނެރެފައިވާ އިރުޝާދުތަކަށް އިތުރު ކުރެވުނު ކަންތައްތަކެކެވެ."
ޕީސީބީގެ ރައީސް މުހައްމަދު އަނަސް އަށް، މިނިސްޓަރު ޒަމީރު ފޮނުއްވި ސިޓީގައި، ކުންފުނިތަކުގެ މަސައްކަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމާއި އިންސާނީ ވަސީލަތްތައް މެނޭޖްކުރުން ހަރުދަނާ ކުރުމަށް މިނިސްޓަރު ޒަމީރު ބާރު އަޅުއްވާފައިވެ އެވެ. އަދި މާލީ ގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތައް ހިންގުމަށް ބާރު އެޅުމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ސިޓީގައި ބަޔާން ކުރެއްވި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
"ކުރީގެ ފިޔަވަޅުތަކުގެ ތެރޭގައި މުސާރަ އާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ފިޔަވައި މަގާމުގެ ކުރިއެރުން ދިނުމާއި އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި އިތުރު ގަޑީގެ މަސައްކަތް ހަނިކުރުމާއި ކޮންމެހެން ބާއްވަން ނުޖެހޭ ހަރަކާތްތައް ކެންސަލް ކުރުމުގެ އިތުރުން ދަތުރުފަތުރާއި އެހެނިހެން އިހުތިޔާރީ ހަރަދުތައް ކުޑަކުރުން ހިމެނެ އެވެ،" މިނިސްޓަރު ޒަމީރުގެ ސިޓީގައިވެ އެވެ.
މިނިސްޓަރު ޒަމީރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ މުހިންމު އެއް ކަމަކީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމެވެ. އަދި މި ފިޔަވަޅު އެޅުމަށް ސަރުކާރުން ނިންމީ، "ކުންފުނިތަކުގެ ހިންގުމުގެ ހަރަދު ކުޑަކުރުމަށާއި ޚަރަދުތައް ބެލެހެއްޓުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއްގެ ގޮތުގައި" ކަމަށް މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރުން، ވަޒީފާ އަށް މީހުން ނެގުމުގެ ނިޒާމު ހަރުދަނާކޮށް، ތައުލީމީ ފެންވަރާއި ހުނަރާއި ގާބިލިއްޔަތަށް ބަލައިގެން މީހުން އައްޔަންކުރާ އުސޫލު (މެރިޓް ބޭސްޑް ޕޮލިސީ) މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ވެސް މިނިސްޓަރުގައި ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މި ނިންމީ، މި މަހުގެ 4 ވަނަ ދުވަހު އޮތް ލޯކަލް އިންތިހާބުގައި، ވެރިކަންކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބެއް ލިބި، އިދިކޮޅު އެމްޑީޕީން ގިނަ ގޮނޑިތަކެއް ކާމިޔާބުކުރުމާ ގުޅިގެން، ސަރުކާރު ހިންގުމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ނިންމުމަށް ފަހުގައެވެ. އެ ދުވަހުގެ ވޯޓުލުމުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ނެގި ޚިޔާލު ހޯދުމުގެ ވޯޓުލުމުގައި ވެސް، ވޯޓުލީ މީހުންގެ 68.74 އިންސައްތަ މީހުން ބުނެފައިވަނީ، އެ ދެ އިންތިޚާބު އެއްދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ.
އެ ދުވަހުގެ ވޯޓުލުމުގައި ސަރުކާރަށާއި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން، މި މަހުގެ 14 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ، ސަރުކާރުގެ ވުޒާރާތަކުގެ އަދަދު 20 ން 15 އަށް މަދުކުރައްވައި، ކެބިނެޓްގައި ކުރިން ތިއްބެވި ބައެއް ވަޒީރުން ވަކި ކުރައްވައި، އާ ބައެއް ބޭފުޅުންނާ އެކު އައު ކެބިނެޓެއް އެކުލަވާލައްވައިފައެވެ.
ފީއަލީ އަލިފާނުގެ ހާދިސާ
މި ލިޔުން ކިޔާލުމުން
ކޮމެންޓް
ކޮމެންޓެއް ނެތް