މިއީ "ރައުޔު" ނޫހުން ޚަބަރާއި މައުލޫމާތާއި އެހެނިހެން މީޑިއާ ކޮންޓެންޓްތައް ޝާއިއު ކުރުމުގައި ގެންގުޅޭނެ މައިގަނޑު އަސާސްތަކާއި ހަމަތައް ބަޔާންކުރާ ސިޔާސަތެވެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި، ޚިޔާލު ފާޅުކުރުމުގެ ހައްގާއި، ނޫސްވެރިކަން ކުރުމުގެ ހައްގުގެ އިމުގެ ތެރެއިން ޚަބަރާއި މައުލޫމާތު ފެތުރުމުގައި، "ރައުޔު" ނޫހުގެ އެޑިޓޯރިއަލް ބޯޑާއި ނޫސްވެރިންނާއި އެންމެހައި މުވައްޒަފުން އަމަލު ކުރާނީ މި ސިޔާސަތާ އެއްގޮތަށެވެ.

  1. އިންސާފުވެރިވުމާއި ނުފޫޒުތަކުން އެއްކިބާވުން: "ރައުޔު" އަކީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކުރާ ނޫހެއް ނޫނެވެ. އެހެންކަމުން "ރައުޔު"ގެ ނޫސްވެރިން މަސައްކަތް ކުރާނީ ސިޔާސީ ނުވަތަ އެ ނޫން ވެސް ނުފޫޒުތަކުން އެއްކިބާވެ ތިބެ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި އިންސާފުވެރިކަމާއި މިނިވަންކަމާ އެކުގައި، ތެދު ޚަބަރާއި މައުލޫމާތު ފެތުރުމަށެވެ.
  2. ހަޤީގަތާއި ތެދު ހާމަކުރުން: "ރައުޔު" ނޫހުން ޚަބަރާއި މައުލޫމާތު އާންމުކުރާނީ، ހަގީގަތާ އެއްގޮތަށް އަދި އެކަމަކާ ގުޅޭ ގޮތުން އެ ވަގުތަކަށް ލިބެން ހުރި ހުރިހާ މައުލޫމާތެއް ހިމަނައިގެންނެވެ. އަދި ދޮގު މައުލޫމާތެއް ގަސްދުގައި ޝާއިއެއް ނުކުރާނެ އެވެ. އަދި ސައްހަ ނޫން މައުލޫމާތެއް ޝާއިއު ކުރެވިއްޖެނަމަ، އެކަން އެނގުމާއެކު ވަގުތުން އެކަމެއް އިސްލާހު ކުރާނެއެވެ.
  3. ޒިންމާދާރުވުން: "ރައުޔު" ނޫހުން ޚަބަރާއި މައުލޫމާތު އާންމުކުރާނީ، ޒިންމާދާރުކަމާ އެކު މުޖްތަމައުގެ އާންމު އަޚްލާގީ މިންގަނޑުތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެންނެވެ. އަދި އެ މައުލޫމާތެއްގެ ސަބަބުން މުޖްތަމައުގެ އާންމު އަޚްލާގީ މިންގަނޑުތަކަށް ނޭދެވޭ އަސަރުކުރާ ފަދަ މައުލޫމާތު ޝާއިއެއް ނުކުރާނެ އެވެ.
  4. ދީނީ އަދި ގާނޫނީ އިމުގައި ހިފެހެއްޓުން: "ރައުޔު" ނޫހުން އާންމުކުރާނީ، އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފުނުވާ ޚަބަރާއި މައުލޫމާތެވެ. އަދި ދިވެހިންގެ މެދުގައި ދީނީ ބައިބައިވުންތައް އުފެދިދާނެ އަދި ގާނޫނާ ޚިލާފު އަމަލުތަކަށް ހިތްވަރު ލިބިދާނެ އުފެއްދުންތަކާއި، ދިވެހިންގެ ސަގާފީ އަދި އިޖްތިމާއީ ގަބޫލުކުރުންތަކާ ދެކޮޅު އެއްވެސް އެއްޗެއް ޝާއިއެއް ނުކުރާނެ އެވެ.
  5. ޢާންމު މަސްލަހަތާއި ފަރުދުންގެ ޒާތީ ހައްގުތައް ހިމާޔަތްކުރުން: ނޫސްވެރިކަން ކުރުމުގައި "ރައުޔު" ނޫހުން އަބަދުވެސް އިސްކުރާނީ އާންމު މަސްލަހަތާއި، ރައްޔިތުންނަށް ލިބިގެންވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގެވެ. އާންމު ފަރުދުންގެ ޒާތީ މަސްލަހަތު ހިމެނޭ ކަންކަމުގައި އަމަލުކުރާނީ، އެކަމެއްގައި އާންމު މަސްލަހަތު ހިމެނޭ މިންވަރަށް އެންމެ ފުރިހަމައަށް ރިއާޔަތްކޮށް، ފަރުދުންގެ އިންސާނީ ކަރާމާތާއި ޒާތީ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތުގެ މަތިންނެވެ.
  6. މަސްދަރު ހިމާޔަތްކުރުން: "ރައުޔު" ނޫހުން ޚަބަރާއި މައުލޫމާތު ހޯދުމާއި ފެތުރުމުގައި، ނަން ސިއްރުކޮށްގެން މައުލޫމާތު ދޭ މަސްދަރުތަކުގެ ސިއްރުކަން "ރައުޔު"ން ހިފަހައްޓާނެ އެވެ. މައުލޫމާތު ދޭ މަސްދަރަކީ ކޮބައިކަން، އެ ފަރާތެއްގެ ރުހުން އޮވެގެން މެނުވީ އެއްވެސް ގޮތަކަށް ހާމައެއް ނުކުރާނެ އެވެ.
  7. ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކުރުން: ކުޑަކުދިންނާ ގުޅޭ އުފެއްދުންތައް ގެނެސްދޭނީ އެކުދިންގެ މައުސޫމްކަން ރައްކާތެރިކޮށް އެކުދިންގެ ކަރާމާތް ނުގެއްލޭނެ ގޮތްތަކަށް އިސްކަން ދީގެންނެވެ. ހުރިހާ ހާލަތެއްގައިވެސް ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމާއެކު، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި އެ ކުދިންނަކީ ކޮން ބައެއްކަން އެނގޭ ފަދަ އެއްވެސް މައުލޫމާތެއް ނުހިމަނާނެއެވެ.
  8. މައުލޫމާތުގެ ބާވަތްތައް އާންމުކުރުން: "ރައުޔު" ނޫހުގައި ޝާއިއުކުރާ މައުލޫމާތުތަކުގެ ތެރެއިން، ވަކި ފަރުދެއްގެ އަމިއްލަ ޚިޔާލު ހިމެނޭ ކޮލަމްތަކާއި، ފައިސާ ދައްކައިގެން އާންމުކުރާ އެޑްވަޓޯރިއަލް އުފެއްދުންތައް ޝާއިއު ކުރާނީ، އެއީ އާންމު ޚަބަރާއި މައުލޫމާތުގެ ތެރޭގައި ހިމެނޭ ބައެއް ނޫންކަން ކިޔުންތެރިންނަށް އެނގޭނެ ގޮތަށެވެ.
  9. ފިކުރީ މުދާ ހިމާޔަތްކުރުން: "ރައުޔު" ނޫހުގައި ޝާއިއުކުރާ އެއްވެސް އުފެއްދުމެއްގައި، ތިން ވަނަ ފަރާތެއްގެ ފިކުރީ މުދަލެއް ބޭނުންކުރާނީ، އެ މުދަލެއްގެ މިލްކުވެރި ފަރާތުގެ ހުއްދައާ އެކުގައެވެ. އަދި އެ ހުއްދަ ހޯދަން ދަތިވެއްޖެ ހާލަތެއްގައި، އެ މުދަލެއްގެ މިލްކުވެރި ފަރާތަށް ހައްގު ކްރެޑިޓް ދީގެންނެވެ.